ނަރަކަ

ޙަޤީޤަތުގައި ނަރަކަ ވޮޑިގެންވޭހެއްޔެވެ؟

ބައެއްމީހުންގެ ބަހުންނާއި އަދި އެބައިމީހުންގެ ޙަޔާތް ވޭތުކުރަނީ ޙަގީގަތުގައި ނަރައަކީ ވޮޑިގެންވާ ތަނެއް ކަމުގައި ދެކިގެނެއް ނޫނެވެ. މިފަދަ މީހުން މިސާލެއްގެ ގޮތުގައި ބުނަމުންދަނީ އިންސާނާ ނިޔާވުމަށްފަހު "އެމީހަކާއިމެދު މާތްﷲ ރަޙުމަތް ލައްވަތެވެ." އެބައިމީހުން މިފަދައިން ބުނަނީ އެ އިންސާނާއަށް ރަޙުމަތްފުޅު ލިބިދާނެތޯ ވިސްނާ މިކަމުގެ ޙަޤީގަތަށް ބެލުމެއްނެތިއެވެ. ނުވަތަ އެބައިމީހުން މި ދުނިޔެ ވޭތުކުރީ ﷲގެ ޢަޒާބަށް ބިރުވެތިވެ އެކަލާނގެ އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާކުރުން މަތީގައި ހެއްޔެވެ؟ އެންމެތަކުންގެ މައްޗަށް ﷲގެ ރަޙުމަތްފުޅު ލިބިގެންވޭހެއްޔެވެ؟ ދީލާތި ޤުރުއާން މިކަމުގައި ބުނެދެނީ:
އަދި ކާފިރުވީމީހުން، އެބައިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. އެބައިމީހުންގެ މައްޗަށް މަރުވުމަށް ނިޔާކަނޑައެޅި، މަރެއްވެސް ނުމެވާނޭމެއެވެ. އަދި، އެ ނަރަކައިގެ ޢަޒާބުން ބައެއް އެބައިމީހުންގެ ކިބައިން ލުޔެއްވެސް ނުމެ ކުރެވޭނޭމެއެވެ. ކާފިރުވާ ކޮންމެ މީހަކަށް، ތިމަންސުވާމީންގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. (ފާތިރު ސުރަތުގެ 36 ވަނަ އާޔަތް)
އެ ދެމީހުންގެ ނިމުމެއް ކަމުގައިވާނީ، އެ ދެމީހުން ނަރަކަޔަށް ވަނުމެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ. (ހަސްރު ސޫރަތުގެ 17 ވަނަ އާޔަތް)
އިތުރު އާޔަތު: ނިޝާ 140، އަންފާލް 14، ތައުބާ 68، ރަޢުދު 35، އިސްރާ 8

މިކަމުގައި އަހަރެމެންގެ ޖަވާބަކީ ކަނޑައެޅިގެން އާނއެކޭއެވެ. ނަރަކައަކީ ވޮޑިގެންވާ ތަނެއް ކަމުގައެވެ. އަޅުތަކުންގެ ތެރެއިން (ޚަލްޤުތަކުންގެ ތެރެއިން) ބަޔަކު އެތަނަށް ހުށަހެޅިގެން ވާނޭ ކަމުގައެވެ. 

އުޚުރަވީ ތަޤުދީރުގައި ނަރަކައަކީ ވަގުތީ މަރުޙަލާއެއް ނޫނީ އެތަނަކުން ސަލާމަތް ނުވެވޭނޭ ތަނެއް ހެއްޔެވެ؟

ނަރައަކީ ވަގުތީ ތަނެއް ކަމުގައި ބައެއް ފަރާތްތަކުން ދަޢުވާ ކުރެއެވެ. އަދި އެތަނުގައި އެއްވެސް މަޚުލޫގަކު (އަޅަކު) އަބަދަށްމެ ލެހެއްޓެވުމެއް ނުވާނޭ ކަމުގައިވެސް ދެކެއެވެ. އަދި ނަރަކައަށް ހުށަހެޅޭ ފަރާތްތަކަކީ އެފަރާތްތަކަށް ކުރެވިފައިވާ ފާފައިގެ މިންވަރަށް ބެއްލެވުމަށްފަހު އެބައިމީހުންގެ ފާފައިން ތާހިރު ވެއްޖައުމަށް ދާންދެން ތިބޭނޭ ތަނެއް ކަމުގައި ދެކެތެވެ. މިއީ ރަނގަޅު ބުނުމެއްހެއްޔެވެ؟ (މިއީ ރަނގަޅު ބުނުމެއްބާ؟) ކީރިތި ޤުރުއާން މިކަމުގައި ބުނެދެނީ:
އެބައިމީހުން ނަރަކަޔަށް ޢަރްޟުކުރެވޭތަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އެހިނދު އެބައިމީހުން ވާހުށީ ނިކަމެތި ކަމާއެކު ބިރުވެތިވެ ތިބެ ވައްކަޅިން ބަލާ ބައަކު ކަމުގައެވެ. އަދި އީމާންވެއްޖެ މީހުން ބުނާނެތެވެ. ހަމަކަށަވަރުން ގެއްލުންވެރިވި ބައަކީ، އެބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، އަހުލުވެރިން ޤިޔާމަތް ދުވަހުގައި ގެއްލުނު ބައެކެވެ. ފަހެ، އަނިޔާވެރިން ހަމަކަށަވަރުން ވަނީ، ދެމިހުންނަނިވި ޢަޒާބެއްގައެވެ. (އައްޝުޢަރާ ސޫރަތުގެ 45 ވަނަ އާޔަތް)
ފަހެ، އެ ދެފަރާތުގެ ނިމުން އަންނަ ހުށީ، ނަރަކައިގެ އަލިފާނުގެ ތެރެއަށް ވެއްޓުމުންނެވެ. އެތަނުގައި، ދެމި ތިބުމަށް ޓަކައެވެ. އަދި، (ދަނެއު!) އަނިޔާވެރީންނަށް ލިބެނިވި ޖަޒާއަކީ މިއީއެވެ! (ޙަސްރު ސޫރަތުގެ 17 ވަނަ އާޔަތް)
މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނާއި ކާފިރުންނަށް މާތްﷲ ވަޢުދު ކުރައްވާފައިވަނީ ނަރަކައިގެ އަލިފާނެވެ. އެތާނގައި ދެމިތިބޭ ގޮތުގައެވެ. އެކަންތައް އެބައިމީހުންނަށް ފުދިގެން ވެއެވެ. އަދި، މާތްﷲ އެބައިމީހުންނަށް ލަޢުނަތް ލެއްވިއެވެ. އަދި، ދެމިހުންނަނިވި އަޒާބު އެބައިމީހުންނަށް ހުއްޓެވެ. (ތައުބާ ސޫރަތުގެ 68 ވަނަ އާޔަތް)
އެ ޔަހޫދީން ބުނެތެވެ. އަދަދު ކުރެވިގެންވާ ދުވަސްކޮޅެއްގައި މެނުވީ ނަރަކައިގެ އަލިފާން ތިމަންނަމެންގެ ގައިގައި ނުބީހޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން މާތްރަސްކަލާނގެ ހަޟުރަތުން ޢަހުދެއް ހިފައިފައި އޮތީ ހެއްޔެވެ؟ އެހެންކަމަށް ވަނީވިއްޔާ މާތްރަސްކަލާނގެ އެ ޢަހުދުފުޅަކާއި ޚިލާފުވެ ވޮޑިއެއް ނުގަންނަވާނެއެވެ. ނޫންނަމަ މާތްރަސްކަލާނގެ ރަސްކަންފުޅާއި ދޭތެރޭ ތިޔަބައިމީހުންނަށް އެނގިފައިނުވާ ކަމެއްގެ ވާހަކަ ބުނެ އުޅެނީ ހެއްޔެވެ؟ (ބަޤަރާ ސޫރަތުގެ 80 ވަނަ އާޔަތް)
ކަންހުރީ އެހެނަކުން ނޫނެވެ. ނުބައި ޢަމަލު ކޮށް އެމީހެއްގެ ކުށްވެރިކަން އެމީހުންގެ ވަށައިގެންފި ބަޔަކު އެއީ ނަރަކައިގެ އަހުލުވެރީންނެވެ. އެމީހުން އެ ނަރަކައިގައި ދެމި ތިބޭހުއްޓެވެ. (ބަޤަރާ ސޫރަތުގެ 81 ވަނަ އާޔަތް)


އެހެންވީމާ، އަހަރެމެންގެ އެ ސުވާލުގެ ޖަވާބަކީ ނަރައަކީ ވަގުތީ ތަނެއް ނޫންކަމެވެ. ނަމަވެސް އަބަދަށް ޓަކައިވީ ތަނެއްކަމެވެ. އަދި ނަރަކައަށް ހުށަހެޅޭ އެންމެތަކުން ދާއިމަށް އެތަނުގައި ތިބެންޖެހޭނޭ ކަމެވެ.


0 comments:

Post a Comment